އިބްރާހީމް ދޮށިމޭނާ ކިލެގެފާނު

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެ ކާފާ ފުޅެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު

ނަސަބު

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ އިބްރާހީމް އެދުރު ތަކުރުފާނުގެ ބޮޑު މުރީދު ތަކުރުފާނު ގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ، އަޙުމަދު ދޮށިމޭނާ ކިލެގެފާނު (ދޮން އަޙުމަދު ދީދީ)ގެ ގަލޮޅުގޭ ޢަލި ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން، އިބްރާހީމް ދީދީ އެވެ.މަންމައަކީ މަރަދޫ މުދިންގޭ ބޮޑުކަތީބުގެ އާމިނާ މަނިކެއާއި ހޮޅުދޫ ނެވިގޭ ދޮންކޮއްކޮގެ ދަރިކަނބަލުން ފާތުމާ މަނިކެ (ފަހުން ފާތުމާ ދީދީ) އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖުމާދިލް އޫލާ 1260ހ، 2 ޖޫން 1844 ގައެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބޮޑުފުޅުވި ބޭފުޅުންނަކީ ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއައްނަބީލް ޢަބުދުލް ޙަމީދު ދީދީ، އާމިނަތުދީދީ އަދި އައްނަބީލާ ތުއްތު ދޮންދީދީ އެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަށް ލިބިލެއްވީ 6 ބޭފުޅުންނެވެ. އެއީ:-

ތަޢުލީމް ޙާޞިލްކުރެއްވުން

ތަޢުލީމް ޙާޞިލް ކުރެއްވީ މާލޭގެ އެޒަމާނުގެ ބައެއް އެދުރުބޭކަލުންގެ އަރިހުންނާއި، އަދި އިންޑިޔާގެ ކަލްކަތާ އިންނެވެ. ބޮޑުފުޅުވީ އޭނާގެ ބައްޕަ އަލްއަމީރު ޢަލި ދޮށިމޭނާ ކިލެގެފާނުގެ ފުރިހަމަ ތަރުބިއްޔަތާއި އެކުގައެވެ. އެކިލެގެފާނު ދައުލަތުގެ ވެރިއެއްގެ ގޮތުން ޚިދުމަތް ކުރެއްވި ދުވަސްވަރު އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އުރުދޫ ބަސް، އިގިރޭސި ބަސް، އަދި ޢަރަބި ބަސް ފުދޭވަރަކަށް ދެނެވަޑައިގަނެއެވެ. އަދި ދިވެހިންގެ މެދުގައި އެޒަމާނުގައި އޮތް ހެވިކަމުގެ ފަންނުގައި ކުޅަދާނަ ބޭފުޅެއްވެސް މެއެވެ.

ގައުމީ ޚިދުމަތް

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ފުރަތަމަ ރަސްކަމުން ފެށިގެންނެވެ. އެރަދުންގެ ބޮޑު ވަޒީރު ކަމުގެ މަގާމްގައި ޚިދުމަތްކުރައްވަން ފެއްޓެވި އެވެ. އޭގެ ފަހުން ތިއްބެވި އެކި ރަސްރަސްކަލުންގެ ދައުރުގައި ވެސް އެކި ވަގުތު އެމަގާމް ފުރުއްވެވި އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވިއިރު ހުންނެވީ މުޙައްމަދު ޝަމްސުއްދީން ރަދުންގެ ބޮޑު ވަޒީރު ކަމުގައެވެ. އެއީ ރަސްކަމުގެ ކުރީކޮޅު އެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހިމެނެނީ އަތިރީގެ ޚާންދާންގެ ވެރިކަމުގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތު ކަމުގައެވެ. ސިޔާސީ ގޮތުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހި ދައުލަތަށް ކުރިމަތިވި ހަމަނުޖެހުން ތަކެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ވެރިކަމުގެ ދާއިރާގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް، ކެތްތެރިކަމާއެކު، ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ވަރަށް ގިނަ ރޮނގު ރޮނގުން ކާމިޔާބާއި ނާކާމިޔާބު އެމަނިކުފާނާއި ކުރިމަތި ލެއްވި އެވެ. ނަމަވެސް އެންމެ ފަހުން އެމަނިކުފާނަކީ އަތިރީގޭ ޚާންދާންގެ ވެރިކަން ތަމްކީން ކުރެއްވި ޝަޚްޞިއްޔަތެއް ކަމުގައި ވިއެވެ. މިމަނިކުފާނަށް ކިލެގެކަން ލިބިވަޑައިގަތީ ހިޖުރައިން 1302 ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައެވެ.

ބޭރު ދުނިޔޭގައި ވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ފާހަގަ ކުރެވިގެން ވިއެވެ. ތުރުކީގެ ފަރާތުން އޮޅުދޫ ކަރައިގެ ގާލީގައި ހުންނަ ކޮންސަލް ކަމާއި، އަދި ޖޭޕީގެ ޢިއްޒަތް ލިބިވަޑައިގަތެވެ.އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ގިނަ ރޮނގުތަކެއްގައި ތަފާތު ފައިދާހުރި ކަންތައްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި، އިޚްލާޞްތެރި ވެރިއެކެވެ. ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެއް މެއެވެ. އިސްކޮޅުން މެދުމިނުގެ ދޮން ބޭފުޅެކެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޚާއްޞަ ޚިދުމަތުގެ ތެރެއިން ފާހަގަ ކޮށްލެވެނީ ބޮޑު ރަސްގެފާނު މާލޭގެ ވަށައިގެން ލެއްވި ތޮށި ވީރާނާވެފައިވާތީ 1312 ހ ގައި މާލޭގެ ބޭރު ތޮށި ލެއްވުމާއި، ވޯރާ ވިޔަފާރިވެރިންގެ އަތުން ޑިއުޓީ ނަންގަވާގޮތަށް ހަމަޖެއްސެވުމެވެ.

އަދާކުރެއްވި ވަޒީފާތައް

 • ތުރުކީގެ ފަރާތުން އޮޅުދޫ ކަރައިގެ ގާލީގައި ހުންނަވާ ކޮންސަލްކަން(ޖޭޕީ) 21 އެޕްރީލް 1888 ( 2ޖުމާދިލް އާޚިރާ 1299ހ) އަށް
 • އިބްރާހީމް ނޫރައްދީންގެ ބޮޑު ވަޒީރުކަން ( 1300 ހ ޝައްވާލުމަހުތެރޭގައި )
 • މުޙައްމަދު މުޢީނުއްދީން ގެ ބޮޑު ވަޒީރުކަން ( ރަސްކަމުގެ ކުރީކޮޅު )
 • އިބްރާހީމް ނޫރައްދީންގެ ދެވަނަ ރަސްކަމުގެ ބޮޑު ވަޒީރުކަން ( 1306ހ އިން 1310ހ އަށް )
 • ދޮށިމޭނޭ ކިލިގެކަން ( ދޮށިމޭނާ ކިލެގެކަމަށް ކޮލިލެއްވީ 1302ހ ގެ ޝައްވާލް މަހުގެ ތެރޭގައި )
 • މުހައްމަދު ޝަމްސުއްދީން(3) ގެ ފުަރަތަމަ ރަސްކަމުގެ ބޮޑުވަޒީރުކަން ( 7މެއި 1893މ / 20 ޝައްވާލް 1310 ގައި )
 • މުޙައްމަދު ޢިމާދުއްދީން(6) ގެ ދެވަނަ ރަސްކަމުގެ ބޮޑު ވަޒީރުކަން : (20 ޖުލައި 1893 / 6 މުޙައްރަމް 1311ހ) އަށް . މިބޮޑު ވަޒީރުކަމުން ވަކިވީ 1317ހ ގައި .
 • މުހައްމަދު ޝަމްސުއްދީން(3) ގެ ދެވަނަ ރަސްކަމުގެ ބޮޑުވަޒީރުކަން : (11 މާރޗް 1903މ / 11 ޛުލްޙައްޖާ 1320ހ) އަށް . މިބޮޑު ވަޒީރުކަމުން ވަކިވީ 1343ހ ގައި .

އަވަހާރަވުން

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ ދިވެހި ދައުލަތުގެ ބޮޑު ވަޒީރުގެ ގޮތުގައި ހުންނަވައި 4 ރަމަޟާން 1343ހ، 31 މާރޗް 1925 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގައެވެ.

ރިފަރެންސް

 • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
 • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
 • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
 • އަޅުގަނޑުގެ ހަދާންތައް - މުޙައްމަދު އަމީން
 • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.